ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދު ސާރވޭކޮށް، ޑިޒައިންކުރުމުގެ އިތުރުން ޑީޓެއިލްޑް ޑްރޯވިންގތައް ތައްޔާރުކުރުމުގެ މަސައްކަތް "ޝެރެޓް ސްޓޫޑިއޯ"އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސެވެ. އަދި ޝެރެޓް ސްޓޫޑިއޯގެ ފަރާތުން އެ ކުންފުނީގެ އިސްވެރިޔާ ވަނީ ސޮއިކުރައްވާފައެވެ.

ޖުމްލަ -/162,000 (އެކެއްލައްކަ ފަސްދޮޅަސް ދެހާސް) ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، އުތުރު ރާޅުގަނޑު ސަރަޙައްދު އާންމުންނާއި ފަތުރުވެރިންނަށް ބޭނުންކުރެވޭނެހެން އެންމެ ފުރިހަމައަށް ތަރައްޤީކުރުމަށްޓަކައި ހަދަންޖެހޭ ތިމާވެށީގެ އަދި ސައިޓް ސާރވޭތައް ހަދައި، އެކަމަށް އެކަށީގެންވާ ޒަމާނީ ޑިޒައިންތަކާއި ބްލޫޕްރިންޓްތައް ތައްޔާރުކުރެވިގެންދާނެއެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޝްރޫޢަކީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފައިދާއަށްޓަކައި އެ ސަރަޙައްދު ތަރައްޤީކުރުމަށް ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ މަރުޙަލާއެވެ. އަދި ޑިޒައިނިންގ މަސައްކަތްތައް ނިމުމާއެކު، އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އިޢުލާން ކުރެވިގެންދާނެކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ.

