ހަނިމާދޫ
ހދ. ހަނިމާދޫގެ އާބާދީގައި 2451 މީހުން (އަންހެން 1222 ފިރިހެން 1229 ) ހިމެނެއެވެ. މައުލޫމާތު:( ހަނިމާދޫ ކައުންސިލްގެ އިދާރާގެ ރެކޯޑްސްއިން)
ހަނިމާދޫއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން 5 ވަނައަށް އެންމެބޮޑު ގުދުރަތީ ބިން މިންވަރު ކުރެއްވި އެއްރަށެވެ. މި ރަށުގެ އާބާދީގެ ތެރެއިން %70 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ރަށުގައެވެ. މިރަށުގައި 2664 އަށްވުރެ ގިނަ ދޭސީން ނާއިއެކު، ބިދޭސީ 1300 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ( ސޯސް: 2022 ބޯހިމެނުން އަދި ހަނިމާދު ކައުންސިލް އިދާރާގެ ލިޔެކިޔުން ތަކުން).
މިރަށުން 945 ގޯތި ދޫކުރެވިފައިވާއިރު މީހުން ދިރިއުޅެނީ 513 ގޯތީގައެވެ. 2023 ވަނަ އަހަރުގައި 3000 އަކަފޫޓުގެ 200 ގޯތި އިތުރަށް ދޫކުރެވިފައިވެއެވެ. މިރަށުގެ އާބާދީ އިތުރުވާ ނިސްބަތަކީ 2% އެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް މިނިސްބަތުން މިރަށުގެ އާބާދީ 3700 އާއި ގާތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ސަރުކާރު ވަޒީފާ އަދާކުރުމުގެ ދާއިރާތަކުގައެވެ. ފަތުރުވެރިކަމާއި، މަސްވެރިކަން، ކާބޯތަކެތި އުފެއްދުމާއި، ވަޑާންކުރުމާއި، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް އަދި ދަނޑުވެރިކަމުގެ ސިނާއަތް ރަނގަޅު މިންވަރެއްގައި މިރަށުގައި ކުރިއަރަމުން އެބަދެއެވެ.
މިރަށުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ޤާއިމުކޮށްފައިވުމުން އެބަނދަރުގެ ފަހިކަން މިސަރަޙައްދުގެ ދަތުރުވެރިންނަށާއި ފަތުރުވެރިންނަށް ލިބެމުންދެއެވެ. އަދި އެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއެއް ދައުލަތުން ފަށްޓަވައި، މިޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ނިންމައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވަނީ 9 ނޮވެމްބަރ 2025 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައެވެ. މިރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށް ސިޓީ ހޮޓަލަކާއި 11 ގެސްޓްހައުސް ހިންގަމުންދާކަން ފާހަގަކޮށްލަމެވެ. ސްނޯކްލިންގ، ޑައިވިންގ، މޫދު ކުޅިވަރުތައް އަދި ސްޕޯރޓް މަސްވެރިކަމާއި ފޮޓޯ ނެގުން ފަދަ ޚިދުމަތް މިރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ދެމުން ގެންދެއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ފަތުރުވެރިކަމަށް އަމާޒްކޮށް ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ގިނަ އަދަދެއްގެ ބިންތަކެއް ދޫކުރެވި އަދި ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދެއެވެ.
ލަފާ ފުރުމަށްޓަކައި 1200 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެއް ފެރީ ޓާރމިނަލެއް ހިމެނޭހެން ތަރައްޤީ ކުރެވިފައިވެއެވެ. ބަނދަރުގައި 2 ފަންގިފިލާއަށް މަސް މާރުކޭޓެއް ރެސްޓޯރެންޓަކާއިއެކު ޤާއިމުކުރެވިފައި ވެއެވެ. ކައުންސިލްގެ ފަރާތުން ހޮނޑައިދޫ އަވަށާ ދިމާ އަތިރިމަތީގައި ސަންސެޓް ރެސްޓޯރަންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ނިމި، މިރެސްޓޯރަންޓް ހިންގުން ބިޑް އުސޫލުން ބަޔަކާއި ޙަވާލުކޮށްފައެވެ. ބަނދަރު ސަރަޙައްދުގައި ލޯކަލް މާރުކޭޓެއް އެޅުމުގެ ވިސްނުން ކައުންސިލުން ގެންގުޅެއެވެ. ޑީސަލާއި ޕެޓްރޯލް ލިބޭނެ އިންތިޒާމް ބަނދަރުގައި ޤާއިމުކުރެވި، ބަނދަރު ސަރަޙައްދުން ވިޔަފާރިތަކަށް ބިން ދޫކުރެވިފައި ވެއެވެ. ޒަމާނީ ފެންވަރަށް ހަނިމާދޫގެ މަގުތައް ހެދިފައިވެއެވެ.
ފުލުހުންގެ ޚިދުމަތް ދިނުމަށް (ޕޮލިސް ސްޓޭޝަނެއްގެ ޚިދުމަތް) ކައުންސިލްގެ އިމާރާތެއްގައި ދެމުންދެއެވެ. 2025 ވަނަ އަހަރު ފުލުހުންގެ އިދާރާ އެޅުމަށް ކައުންސިލުން ވަނީ ބިން ހަމަޖައްސަވައި ދެއްވާފައެވެ. ކަސްޓަމްސްގެ އޮފީހެއް ޤާއިމު ކުރެވިފައިވެއެވެ. ކަރަންޓްގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން 24 ގަޑިއިރު ދެމުން ގެންދެއެވެ.
މިރަށުގައި ސިއްހީ މަރުކަޒެއް ހުރެއެވެ. އެ މަރުކަޒުގައި ޑޮކްޓަރުން ތިއްބަވާއިރު އެތަނުން 24 ގަޑިއިރުގެ ޞިއްޙީ ޚިދުމަތް ރައްޔިތުންނަށް ދެމުންގެންދެއެވެ. 2022 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ހިމަނުއްވާ 3 ފަހަރެއްގެ މަތިން ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރެވި ބަޔަކާއި ހަވާލުކޮއްފައިވެއެވެ. ނަމަވެސް، 2024 ވަނަ އަހަރު ނިމިގެން ދިޔައީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނުފެށިއެވެ. އަދި މިހޮސްޕިޓަލް އެޅުމުގެ މަސައްކަތް 2025 ވަނަ އަހަރު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ޙަވާލުކުރެވިފައެވެ. ހަނިމާދޫ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖް ކްލާސްތަކުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދެމުން ގެންދެއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ރައްޔިތުންގެ އެދުމަށް ހިންގާ ޕްރީސްކޫލެއް މިރަށުގައި ހުރެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ހިންގާ ލާރނިންގ ސެންޓަރެއް ބައު ސްކޫލުގެ އިމާރާތުގައި ޚިދުމަތް ދެމުންއައިސް ހަނިމާދޫގައި ތިއްބަވާ ސިފައިންގެ ވަގުތީ މަރުކަޒަކަށް ބައު ސްކޫލު ހަމަޖެހި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ހިންގާ ލާރނިންގ ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުންވަނީ ހުއްޓިފައެވެ. ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިކަމާއި ގުޅޭ އެކި ހަރަކާތްތައް (އީޖާދީ ތަހްލީލްތައް ކުރުމާއި ހުނަރު ދަސްކޮށް ދިނުމަށް) ހިންގުމަށް 315637.00 އަކަފޫޓްގެ ބޮޑު ބިމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ދޫކޮށްފައިވެއެވެ. އަދި ހަނިމާދޫގެ ދަނޑުވެރިންނަށް ދަނޑުބިން ދޫކޮއްފައިވެއެވެ.
މިރަށަކީ ބިމުގެ ގޮތުން ތަނަވަސް ބޮޑެތި އިންވެސްޓަރުންނަށް އިންވެސްޓްކުރުމަށް ބިންދޫކުރެވިދާނެ ރަށެކެވެ. މިގޮތުން މިރަށުން މިހާރުވެސް 288000 އަކަފޫޓްގެ ބިން ދޫކުރެވިފައިވެއެވެ. މިރަށުގައި ނަރުދަމާ ނިޒާމެއް ޤާއިމުކުރެވި ސަޕްލައިފެން ގޭބިސީ ތަކަށް ދޫކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ. ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތްތައް ފެށި ކުރިއަށް ދާކަން އުފަލާއެކު ފާހަގަކުރަމެވެ. މިކަމަށްޓަކައި ވެހިކަލްތަކާއި އަދި އެހެނިހެން އާލާތްތައް ކައުންސިލުން ހޯދާފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ކުނި މޭނޭޖްކުރާ މަރުކަޒެއް ސަރުކާރުން އަޅާދީފައިވެއެވެ.
މިރަށުގައި އަސާސީ ޚިދުމަތް ދިނުމުގެ ގޮތުން ހަނިމާދޫއިން އެއްގަމު އުޅަނދުގެ ލައިސެންސް ނެގޭނެ އިންތިޒާމް ހަނިމާދޫ ކައުންސިލުންފަހި ކޮއްދީފައެވެ. އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހަނިމާދޫ ކައުންސިލުން ޕްރިންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ވަނީ 2025 ވަނަ އަހަރު ފަށާފައެވެ. މީގެ އިތުރުން ޕާސްޕޯޓް ޚިދުމަތް ހަނިމާދޫގައި ފެށުމަށްޓަކައި ކައުންސިލުންވަނީ އިމިގްރޭޝަންއަށް ކައުންސިލް އިދާރާއިން ޖާގަ ދީފައެވެ. އަދި މިޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. ފެންވަރު ރަނގަޅު ސްކޭޓް ޕާރކެއް ކައުންސިލްގެ ފަރާތުން އަޅާދީފައިވެއެވެ. 2024 ވަނަ އަހަރު ހަނިމާދޫ ކައުންސިލާއި ހދ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއި އެކު ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކުރެވިފައިވެއެވެ.
މިރަށުގެ ގިނަ ޒުވާނުން އާންމުކޮށް ކުޅޭ ކުޅިވަރަކީ ފުޓްބޯޅައެވެ. ފުޓްބޯޅަ ކުޅުމަށް ވިނަދޫލަ އަދި މެޓުން ފުޓްސަލް ދަނޑުތައް އެޅި ޒުވާނުން ބޭނުން ކުރަމުން ދެއެވެ. ހަނިމާދޫ އިޖްތިމާއީ މަރުކަޒުން ޒުވާނުންނަށް ބައެއް ކަހަލަ ކުޅިވަރުތައް އެތަނުގައި ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. ރަށުގައި ދިރިއުޅޭ ބިދޭސީން ކުރިކެޓާއި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކުޅެ ހަދައެވެ. މިފަދަ ބައެއް ކުޅިވަރު ތަކުގައި ބިދޭސީންނާއި ރަށުގެ ރައްޔިތުން ކޮންމެވެސް ވަރަކަށް ބައިވެރިވަމުން ދާކަން ފާހަގަ ކުރެވެއެވެ. މިއުޒިކާއި ބޮޑުބެރު ޖެހުންފަދަ ކުޅިވަރުތައް މިރަށުގެ ރައްޔިތުން ކުޅެމުން ދެއެވެ. މިގޮތުން މިއުޒިކް ބޭންޑެއް އެކުވެރި ބޭންޑުގެ ނަމުގައި ހަރަކާތްތެރި ވާކަން ފާހަގަ ކުރަމެވެ.
މިރަށަކީ ވަރަށް ބޮޑަށް ރަށްގިރުމުގެ މައްސަލަދިމާވެފައިވާ ރަށެކެވެ. ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލާއި ސަރުކާރާ ދެމެދު މަޝްވަރާ ކުރެވި މިކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރެވެމުން ދެއެވެ. މިސަރަޙައްދުގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ދިރާސާކޮށް ދެނެގަތުމަށްޓަކައި މިރަށުގެ އުތުރުކޮޅުގައި ކްލައިމެޓް އޮބްޒަވޭޓްރީއެއް ގާއިމުކޮށް، މޫސުމަށް އަންނަ ބަދަލުތައް ދިރާސާ ކުރަމުންދެއެވެ.
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން 1999 ވަނަ އަހަރު ހދ. ހޮނޑައިދޫ ރައްޔިތުން އަދި 2007 ވަނަ އަހަރު ހއ. ހަތިފުށީ ރައްޔިތުން މިރަށަށް ބަދަލުކޮށްފައި ވެއެވެ. ސަރުކާރު އެދިލެއްވުމަށް އެކިއެކި ރަށްރަށުގެ މީހުންނަށް ގޯއްޗާއި ހައުސިންގ ޔުނިޓްތައް ކައުންސިލުން ދީފައިވެއެވެ. ދައުލަތުގެ ފަރާތުން ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމަށް ނިންމާ އަދި ހަނިމާދޫގައި 500 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައި ވާކަމަށް 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހު އިއުލާން ކުރައްވާފައި ވެއެވެ. އެހެންކަމުން ހަނިމާދޫއަކީ ތަފާތު އެކި ރަށްރަށުގެ މީހުން ވަޒަންވެރިވެ އެކުވެރި ކަމާއެކު ދިރިއުޅެމުންދާ ކުށްމަދު ރަށެއްކަން އުފަލާއެކު ފާހަގަ ކުރަމެވެ.









