ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދިނުން

16 ސެޕްޓެމްބަރ 2025

ހދ. ހަނިމާދޫ ކައުންސިލުން ރަށުގެ ރައްޔިތުންނަށާއި، ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 (ވިހި) އަހަރުގެ މުއްދަތައް ކުއްޔަށް ދީފައެވެ. މި ރެސްޓޯރަންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ 16 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގައި، މަހަކު -/28,244ރ (އަށާވީސްހާސް ދުއިސައްތަ ސާޅީސް ހަތަރު ރުފިޔާ) ގެ އަގަކަށެވެ.

މި ރެސްޓޯރަންޓް ކުއްޔަށް ހަވާލުކޮށްފައިވަނީ ކުޅުދޫފުށީގައި ހަރަކާތްތެރިވަމުން އަންނަ "ފަންއަރި" އަށެވެ. ކައުންސިލުން ބުނި ގޮތުގައި، ރެސްޓޯރަންޓް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި އިޢުލާނަށް އެންމެ ރަނގަޅު އަގެއް ހުށައެޅީ ފަންއަރިންނެވެ.

ހަނިމާދޫ ކައުންސިލުން ތަރައްޤީކުރި މި ރެސްޓޯރަންޓަކީ، ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށު ކައިރީގައި، މާހައުލާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ޒަމާނީ ރެސްޓޯރަންޓެކެވެ. ރަށުގެ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތައް ހިންގުމުގެ އިތުރުން، ހަނިމާދޫގެ ރީތިކަން ބަލަން އަންނަ ފަތުރުވެރިންނަށްވެސް ކެއުންބުއިމުގެ ޚިދުމަތް މި ރެސްޓޯރަަންޓުން ފޯރުކޮށްދިނުމަކީ ހަނިމާދޫ ކައުންސިލްގެ މައިގަނޑު މަޤްޞަދެވެ.