ހަނިމާދޫގެ ގިނަ ތަރައްގީގެ މަޝްރޫޢުތަކެއްގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ބަނދަރާއި، ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވައި، ހަނިމާދޫ މަގުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ، އެމަނިކުފާނު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުގެ ހަވީރެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ހަނިމާދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ހދ. ހަނިމާދޫ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަޝްރޫޢު ނިމި އެ ބަނދަރު، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާފައިވާ އިރު، ހަނިމާދޫ ބަނދަރުގެ މަޝްރޫޢު ކުރިޔަށް ގެންދަވާފައި ވަނީ 65.15 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުކުރައްވައިގެނެވެ.

މި މަޝްރޫއުގެ ދަށުން، 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި 704 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެއިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 2،583 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 7.4 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީންނެވެ. އަދި ހަނިމާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސްކޮށްފައި ވަނީ އެ ކުންފުނިންނެވެ.

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ން 44،296.90 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 18،871.16 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މި މަޝްރޫޢުއަކީ 28.90 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.