ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ އިދާރީ އަދި އަމަލީ ކަންކަމާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަތީ ފަންތީގެ ޓީމަކުން 21 ޖޫން 2026 ވީ އާދިއްތަ ދުވަހު ހަނިމާދޫ ކައުންސިލް އިދާރާގައި ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ.
މިނިސްޓްރީގެ ފަރާތުން މި ދަތުރުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު އާއި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙަސަން ވިސާލު އެވެ. އަދި މިނިސްޓްރީގެ ޕްރިންސިޕަލް ހައުސިންގ ޑިވަލޮޕްމެންޓް އޮފިސަރ އަލްފާޟިލް މުޙައްމަދު ޒަރީރު ވެސް މި ޓީމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ވަނީ މަޝްރޫޢާ ގުޅިގެން ހުރި ގިނަގުނަ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން ހިރިމަރަދޫގައި ބައެއް އަސާސީ ޚިދުމަތްތައް މެދުކެނޑި، އެ ރަށުގެ ރައްޔިތުން މިހާރު ތިބި ޙާލަތަށް ރިއާޔަތްކޮށް، މަޝްރޫޢު ކުރިއަށްދާނެ ސީދާ ގޮތްތަކެއް ސާފުވާންޖެހޭކަން ކައުންސިލުން ފާހަގަކުރިއެވެ. މީގެއިތުރުން، މި ބަދަލާ ގުޅިގެން ހަނިމާދޫ ކައުންސިލަށް އިތުރު ބަޖެޓެއް ލިބިފައި ނުވާތީ ހުރި ދަތިތަކާއި، ހަނިމާދޫގައި ބިމުގެ ދަތިކަން ހުރި މިންވަރަށް ކައުންސިލުން އަލިއަޅުވާލިއެވެ.
ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަނިމާދޫގެ އަމިއްލަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވި ވަނިކޮށް އެހެން ރަށެއްގެ ބަޔަކު ރަށަށް ބަދަލުކުރުމަކީ ރަށު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ހުރި ކަމެކެވެ. ހަމައެހެންމެ، ހިރިމަރަދޫ ރައްޔިތުންނަށް ގެވަޅު އެޅުމަށްޓަކައި ސަރުކާރުގެ އެންގުމަށް ސާފުކުރި ބިންތަކުން ނެގި ރުށްގަހުގެ ބަދަލާއި، ސޭފް ޒޯނާ ގުޅޭ ބަދަލުތައް މިހާތަނަށްވެސް ނުލިބޭ މައްސަލަ ކައުންސިލުން ވަނީ ހުށަހަޅާފައެވެ.
ކައުންސިލްގެ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިންގ މިނިސްޓްރީގެ ޓީމުން ވަނީ، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތަކީ ދެ ރަށުގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތަށް، އަދި ހަނިމާދޫގެ ތަރައްޤީއަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، ކައުންސިލުން ފާހަގަކުރި ބަޖެޓުގެ ދަތިކަމާއި، ބިމުގެ މައްސަލައާއި، އަދި ރުށްގަހުގެ ބަދަލު ނުލިބި ހުރި މައްސަލަތަކަށް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ދެންނެވިއެވެ. އަދި ހަނިމާދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް، ކައުންސިލާ ގުޅިގެން މި މަޝްރޫޢުގެ ކުރިއަށް ހުރި މަރުޙަލާތައް ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓްރީގެ ޓީމުން ވިދާޅުވިއެވެ.

